ފާއިތުވި ދޮޅުއަހަރުތެރޭ މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް 500 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ހަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ އެކުންފުނީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ، މެޑިކަލް އާލާތްތަކާއި ވަސީލަތްތައް އަދި އިންސާނީ ވަސީލަތް އިތުރުކުރުމަށް ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
އެގޮތުން ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ތަރައްޤީކުރި ދަރުމަވަންތަ ހޮސްޕިޓަލް އޮޕަރޭޝަނަށް ގެނައުމަށް ކުރެވުނު މަސައްކަތްތައް ސީއީއޯ ހަލީމް ފާހަގަކުރެއްވިއެވެ.
އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ހިންގުމުގެ ބަދަލުގައި ޓަރޝަރީ ފެންވަރުގެ ވަކި ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ބަދަލުކުރައްވާ، ދަރުމަވަންތަ އަދި ހުޅުމާލޭ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކުރެވުމަކީ މުޅި ސިއްހީ ނިޒާމަށްވެސް ގެނެވުނު ހެޔޮ ބަދަލެއްކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.



