އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ އެއް އެޕްލިކޭޝަނެއް ކަމަށްވާ އިންސްޓަގްރާމުން، އެ އެޕް ބޭނުން ކުރުމަށް އާ ބަދަލުތަކެއް ގެނެސްފިއެވެ.
އެގޮތުން މި ބަދަލު ގެނެސްފައިވަނީ، އިންސްޓަގްރާމް ބޭނުންކޮށްގެން ލައިވް ވީޑިއޯ ޖައްސާ މީހުންނަށެވެ.
އިންސްޓަގްރާމަށް ގެނެސްފައިވާ އާ ބަދަލާއެކު، 1000 ފޮލޯވަރުންނަށްވުރެ މަދު އަދަދަކަށް ފޮލޯވަރުން ހުންނަ މީހުންނަށް ދެން ލައިވް ނުޖެއްސޭނެއެވެ.
މީގެއިތުރުން އިންސްޓަގްރާމްއިން ލައިވް ވީޑިއޯ ޖައްސަން ބޭނުންވާނަމަ، ބޭނުންކުރާ އެކައުންޓަކީ ޕަބްލިކް އެކައުންޓަކަށް ވެސް ވާން ޖެހެއެވެ.
މީގެކުރިން އިންސްޓަގްރާމްގައި ޕްރައިވެޓް އެކައުންޓެއް އިންނަމަވެސް، ނުވަތަ ފޮލޯވަރުންގެ އަދަދު މަދުނަމަވެސް ލައިވް ޖެއްސެއެވެ.
ޓެކް ރިޕޯޓަކުން ބުނާ ގޮތުގައި، މި ބަދަލަކީ ޓިކްޓޮކް ލައިވް ޖެއްސުމަށް ގެނެސްފައިވާ ބަދަލާ ވަރަށް އެއްގޮތްވާ ބަދަލެކެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ލައިވް ޖައްސަން ބޭނުންވާ މީހުންގެ ފޮލޯވަރުންގެ އަދަދު 1000 އަށްވުރެ މަދުނަމަ، އެ އެކައުންޓަކަށް ލައިވް ނުޖެއްސޭނެ ކަމުގެ އިއުލާނެއްވެސް އަރާނެ ގޮތަށް މިހާރު ވަނީ ހަދާފައެވެ.




