ބޮލީވުޑްގެ ސުޕަރސްޓާ ޝާހްރުކް ޚާނަށް ފުރަތަމަ ފަހަރަށް ޤައުމީ އެވޯޑެއް ލިބިއްޖެއެވެ.
ފިލްމީ ދާއިރާގައި 50 ވަރަކަށް އަހަރު މަސައްކަތް ކޮށްފައިވާ ޝާހްރުކްއަށް މީގެ ކުރިން ވަނީ ގިނަ ފިލްމީ އެވޯޑު ޚަފްލާތަކުގައި އެވޯޑު ލިބިފައެވެ. ނަމަވެސް އެ ދާއިރާއިން ޤައުމީ އެވޯޑެއް ޝާހްރުކް ޚާނަށް ލިބުން މިއީ ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ޝާހްރުކް އަށް ޤައުމީ އެވޯޑު ލިބުނީ އޭނާ 2023 ވަނަ އަހަރު ކުޅެފައިވާ ފިލްމު ”ޖަވާން“ އަށެވެ. އެ ފިލްމުގައި އޭނާ ފެނިފައިވަނީ މުސްކުޅިއެއްގެ ރޯލުންނާއި ޒުވާން ސިފައިންގެ މީހެއްގެ ރޯލުންނެވެ. އެ ފިލްމަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އަދި ބޮކްސް އޮފީހުގައިވެސް ހިޓްވި ފިލްމެކެވެ.
އެންމެ މޮޅު އެކްޓަރުކަމަށް ޤައުމީ އެވޯޑު ލިބުމުން ޝާހްރުކް ޚާން ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ވީޑިއޯއެއް ހިއްސާކޮށް އިންޑިއާގެ އައި އެންޑް ބީ މިނިސްޓްރީ އަށާއި އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއީ ފިލްމީ ދާއިރާގައި އޭނާ ކުރި މަސައްކަތް ޤައުމުން ވެސް ބަލައިގަތްކަމުގެ ހެއްކެއް ކަމަށާއި ދާއިރާގައި އިތުރަށް ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމުގައިވެސް ބުނެފައިވެއެވެ.
ޝާހްރުކް ޚާން މިވަގުތު ހުރީ އޭނާ މިހާރު ކުޅެން ފަށާފައިވާ ”ކިންގް“ ގެ ޝޫޓިންގް ތެރޭގައި ލިބުނު އަނިޔާއަކަށް ފަރުވާ ކުރުމަށް އިނގިރޭސިވިލާތުގައެވެ. މިވަގުތު މަސައްކަތުން ބްރޭކެއް ނެގުމަށްފަހު ދެން އެ ފިލްމުގެ ޝޫޓިންގް ކުރިއަށްގެންދާނީ އަންނަ މަހު ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.



