ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓު ދޮގުކޮށް، ފަތުރަމުންދަނީ ހަގީގީ ވާހަކަތަކެއް ކަމެއްވެސް ނޭނގޭ ކަމުގައި މެންބަރު ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު މިއަދު ވަނީ ފެތުރެން ފަށާފައެވެ.
އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ. އެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ.
އެ ކުންފުނިތަކަކީ:
° ސްވޯން ފެމިލީ
° ކުއިކް ޝުއާ
° އޮފިޝަލް އިވެންޓްސް
° ޑީކިއު ހޯލްޑިންސް
° ސްޓޯ ޕްރޯސް ޓްރޭޑިން
އެފްއައިޔޫ އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓާ ގުޅޭގޮތުން ”އެކްސް“ މެދުވެރިކޮށް ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވެފައިވަނީ އޭނާއާއި އޭނާ ހިއްސާވާ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސް އާއި ގުޅުވާ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން ނޭނގޭ ކަމަށެވެ.
އެކަމުގެ ސަބަބަކީ އެކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން މެންބަރު ޝުޖާއުއަށް ލިބިފައި ނުވާތީ ކަމުގައިވެސް ވިދާޅުވިއެވެ.
”އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެމަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެމަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަޤީޤަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކެން“ ޝުޖާއު ވިދާޅުވިއެވެ.
އެމްޕީ ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައިވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބު ކަމާއެކު ހިންގާފައި ކަމަށާއި އެފަދަ މަސައްކަތްތަކުގެ ބިޑުތައް ޝުޖާއުމެންގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށްބޮޑުތަނުން ރަނގަޅުވީމަކަމީ ފެންނަންއޮތް ހަޤީގަތެއް ކަމަށެވެ. އަދި އެކަންކަން އެމީހުންގެ މަސައްކަތްތަކުން ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކުގެ ތެރެއިން މާތްاللهގެ ވާގިފުޅާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް“ ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ވިޔަފާރިކޮށްއުޅުމަށް ލިބިދޭ ޙައްޤުގެތެރެއިން އިރާދަކުރެއްވިއްޔާ ވިޔަފާރި ފުޅާކޮށް ކުރިއަށްއޮތްތަނުގައިވެސް ކުރިއަށް ގެންދިއުމަކީ އެމީހުންގެ އުންމީދެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ އޭނާއާއި އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށްވެސް އަދި ދުވަހަކުވެސް އެއްވެސް އިދާރާއަކުން އެއްވެސްކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައި ނުވާ ކަމަަށެވެ.




