ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ޝަހީދު އައްޔަންކުރަން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު މިދިޔަ މަހު މަގާމު ދޫކޮށްލެއްވި ޝަހީދު ފަނޑިޔާރުކަމަށް އައްޔަންކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދެވެ.
އެ މައްސަލަ ސިވިލް ކޯޓުން ބަލައިގަތް ނަމަވެސް ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއްގެ ނޯޓިސް އަދި ނުލިބެއެވެ.
ސިވިލް ކޯޓުން މި މައްސަލަ ބަލައިގަތްއިރު ޝަހީދު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހަމަޖައްސާފައެވެ.
ނައުޝާދު ހުށަހެޅުއްވީ ޖޭއެސްސީން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެއެވެ.




