ހައިކޯޓުގެ ފަނޑިޔާރެއް ކަމަށް އައްޔަނު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޝަހީދުގެ ނަން އަނބުރާ ނަގައި ދިނުމަށް އެދި އޭނާގެ ފަރާތުން މިއަދު ހުށަހަޅައިފިއެވެ.
ނަން އަނބުރާ ނަގަން ޝަހީދު ހުށަހަޅާފައިމިވަނީ، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އޭނާ އައްޔަނު ކުރުން ހުއްޓުވުމަށް ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައި ވަނިކޮށެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު މިދިޔަ މަހު މަގާމު ދޫކޮށްލެއްވި ޝަހީދު ފަނޑިޔާރުކަމަށް އައްޔަންކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދެވެ.
ނައުޝާދު ހުށަހެޅުއްވީ ޖޭއެސްސީން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެއެވެ.
ޖޭއެސްސީ އަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ، އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިވަޑައިގަތީ، އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.
”ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ. އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މި ކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،“ ޝަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން ޝަހީދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލައްވަން ނިންމެވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމަށާއި އެއްވެސް ބައެއްގެ އަތެއް އެ ކަމުގައި ނޯންނާނެ ކަމަށެވެ.



