މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 67 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މަސް އެކްސްޕޯޓުކުރި މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު މިހާ ބޮޑުތަނުން އިތުރުވެފައި ވަނީ، ރާއްޖޭގެ މަސްވެރިކަން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާއި އަޅާބަލާއިރު ރަނގަޅުވެފައިވާތީ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ މި މުއްދަތުގައި 26,850.8 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައި ވާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 44,877.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 18,026.9 މެޓްރިކް ޓަނުގެ އިތުރުވުމެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓުކުރެވުނު މިންވަރު:
• ޖަނަވަރީ މަހު 5،710 މެޓްރިކް ޓަނު
• ފެބްރުއަރީ މަހު 8،511 މެޓްރިކް ޓަނު
• މާރިޗު މަހު 7،376 މެޓްރިކް ޓަނު
• އެޕްރީލް މަހު 9،700 މެޓްރިކް ޓަނު
• މެއި މަހު 7،500 މެޓްރިކް ޓަނު
• ޖޫން މަހު 6,026 މެޓްރިކް ޓަނު
ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް، މަސް ރައްކާކުރުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.




