ސްކޭމްތައް އިތުރުވަމުން އަންނަ ކަމަށާއި އާއިލާ މީހަކު އެދުނުނަމަވެސް ޔަގީން ކޮށްފައި ނޫނީ އެއްވެސް ފައިސާއެއް ނުފޮނުވަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފިއެވެ.
ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުން ކޮށްގެން ވެސް ފައިސާއަށް އެދޭ މީހުން ގިނައެވެ. އެގޮތުން ގިނަ ފަހަރަށް މިފަދައިން ފައިސާއަށް އެދިފައި ހުންނަނީ އާއިލާ މީހަކު، ނުވަތަ ތިމާ ދަންނަ ކޮންމެވެސް މީހެއްގެ އައިޑީ އިންނެވެ.
ބީއެމްއެލް އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ އާއިލާ މީހަކު ނުވަތަ އެކުގައި މަސައްކަތް ކުރާ މީހަކު، ފޭސްބުކް ނުވަތަ ވައިބާއިން ކުއްލިއަކަށް މެސެޖެއް ކޮށްފައި ފައިސާ ޓްރާންސްފަރ ކުރަން އެދިއްޖެނަމަ، އެމީހަކަށް ގުޅައި އެފަދަ މެސެޖެއް ކުރިންތޯ ޔަގީން ކޮށްފައި ނޫނީ ފައިސާ ޓްރާންސްފަރ ނުކުރުމަށެވެ.
ރާއްޖޭގައި ސްކޭމް ކޮށްގެން ފައިސާ ހޯދާ މީހުން އިންތިހާއަށް ގިނައެވެ. އަދި އެފަދަ މީހުންގެ މަޅީގައި ޖެހޭ މީހުންވެސް އަންނަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ.
ގިނަ ފަހަރަށް އެފަދައިން ތިމާގެ އެކައުންޓު ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން ސްކެމަރުންނަށް މެސެޖު ކުރެވެނީ، އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ނުވަތަ ފޯނަށް ވަދެވޭގޮތަށް ހެކް ކޮށްގެންނެވެ. އެކަން ގިނަ ފަހަރަށް ވަނީ ފޯނަށް އަންނަ ގޮތް ނޭނގޭ ލިންކުތަކަށް ފިތުމުން، ނުވަތަ އަންނަ ކޯލު ނުވަތަ މެސެޖުތަކަކަށް ފޯނަށް އައިސްފައިވާ ގޮތް ނޭނގޭ އޯޓީޕީ ކޯޑެއް ކިޔައި ދިނުމުންނެވެ.
އެހެންކަމުން އެފަދަ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑު ހިއްސާ ނުކުރުމަށް ވެސް ބީއެމްއެލް އިންނާއި ކަމާގުޅޭ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރި ވަމުންނެވެ.


