ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުރީގެ 13 ސްޕޯޓްސް މިނިސްޓަރެއްގެ އަގު ވަޒަން ކޮށްފިއެވެ.
އެބޭފުޅުންގެ އަގު ވަޒަން ކުރުމަށް ރޭ ބޭއްވި އިވެންޓް ކުރިއަށްދިޔައީ ހެންވޭރު މީރުމާގަ އެވެ.
އެ ރަސްމިއްޔާތުގައި ކުރީގެ މިނިސްޓަރުންގެ ގޮތުގައި ތިއްބަވައި، ކުޅިވަރަށް ހިދުމަތްކޮށްދެއްވި 13 ފަރާތެއްގެ މަސައްކަތުގެ އަގުވަޒަންކޮށްފައި ވެއެވެ.
އެ ބޭފުޅުންނަކީ، (ނ.ޢ.ޢވ) އަލްމަރްޙޫމް އުމަރު ޒާހިރު، ރާޝިދާ ޔޫސުފް، (ނ.ޢ.ޢވ) ޑރ. މުހައްމަދު ޒާހިރު ހުސައިން، އިބްރާހިމް ހުސައިން މަނިކު، ހުސައިން ހިލްމީ، މުހައްމަދު ވަޙީދުއްދީން، ޑރ. އައިޝަތު ޝިހާމް، ހަސަން ލަތީފް، މުހައްމަދު ހުސެއިން ޝަރީފް، މުޙައްމަދު މަލީހު ޖަމާލް، އަހުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި، އަހުމަދު މަހުލޫފް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ކުރީގެ އެތުލީޓުންނާއި ކުޅިވަރަށް އެކިއެކި ގޮތްގޮތުން، ހިދުމަތް ކޮށްދެއްވި، ފަރާތްތަކުގެ މަސައްކަތްތަކާއި ރާއްޖެ އަށް ކުޅިވަރުގެ ދާއިރާ އިން ލިބިފައިވާ ކާމިޔާބީތައް އަރުޝީފު ކުރެވި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.



