މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިއަކަށް އިސްމާއިލް ސާޖިދު އައްޔަނު ކޮށްފިއެވެ.
ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ މަގާމުގައި ހުންނެވި ސާޖިދް، އެފްއައިޔޫގެ ވެރިއަކަށް ހަމަޖައްސާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ޢަބްދުﷲ އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލު ކުރުމަށް ފަހުގައެވެ.
އެނގިފައިވާ ގޮތުގައި އެފްއައިޔޫގެ ވެރިޔާގެ މަގާމުގެ މަސްއޫލިޔަތު އަދާކުރަން ފަށާނީ މާދަމާ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުން ސާޖިދު ވަކިވެވަޑައިގެންނެވީ، އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.
އިސްމާއިލް ސާޖިދަކީ ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޮ އިސްލާމިކް ފައިނޭންސްގެ ކުރީގެ ރެކްޓަރ ވެސް މެއެވެ. އެ މަގާމު އޭނާ އަދާކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށެވެ.
އޭގެކުރިން ސާޖިދު ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2020 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް، އެގްޒެކެޓިވް އެޑިއުކޭޝަން އެންޑް ގަވަރނެންސް ކޮންސަލްޓެންސީ މޯލްޑިވްސްގެ ސީނިއަރ ކޮންސަލްޓަންޓެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.
މޫގެއިތުރުން ސާޖިދަކީ ކުރިން އިލެކްޝަންސް ކޮމިޝަންގައި މާސްޓަރ ޓްރެއިނަރ އެއްގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.



