ޑިމޮކްރަސީގެ އަސާސްތައް ޕްރޮމޯޓްކުރުން މަޖިލީހުގެ ދައުރު ނަމުގައި ވީޑިއޯ ކްލިޕް މުބާރާތެއް ބާއްވަން ހަމަޖެހިއްޖެއެވެ.
މިއީ މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވީޑިއޯ ކްލިޕް މުބާރާތެކެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ މެދުގައި ޑިމޮކްރަސީގެ މުހިންމުކަން ހާމަކޮށް ޑިމޮކްރަސީ ކުރިއެރުވުމުގައި މަޖިލީހުގެ ދައުރު ފާހަގަކުރުމެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އެ ފުރުޞަތު އަމިއްލަ ގޮތުން ބައިވެރިވާ ކެޓަގަރީ އާއި ޖަމްޢިއްޔާތަކުގެ ކެޓަގަރީން ހުޅުވާލާފައި ވާއިރު އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކުގެ ކެޓަގަރީގައި 15 ސެޕްޓެންބަރު 2025 ގެ ނިޔަލަށް 16 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރެެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ފޯމު މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.
އެ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީ ކާޑުގެ ކޮޕީ އާއި ޖަމްޢިއްޔާގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީގެ އިތުރުން މުބާރާތަށް ހުށަހަޅާ ވީޑިއޯ ކްލިޕްގެ ލިންކް ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ 15 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފު ކުރައްވަން އެދޭ ފަރާތްތަކުން މަޖިލީހުގެ އިދާރާގެ ޕާލިމަންޓަރީ އެޑިޔުކޭޝަން ސެކްޝަނާ ގުޅުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.



