ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ދާއިރާގެ ކޮމިޓީން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަކިކޮށް، އެހެން ކޮމިޓީއަކަށް މިއަދު ބަދަލުކޮށްފިއެވެ.
މި ބަދަލު ގެނެސްފައިމިވަނީ ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން، މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނިކޮށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް ގެނައި ބަދަލުތައް އިއުލާނުކުރައްވައިފަ އެވެ.
އެގޮތުން މާލިއްޔަތު ކޮމިޓީގައި ޕީއެންސީ ތަމްސީލު ކުރައްވާ ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާކަން ރިޔާސަތުން އިއުލާނު ކުރެއްވިއެވެ.
މީގެއިތުރުން ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ޕީއެންސީ ތަމްސީލު ކުރައްވާ އިބްރާހިމް ދީދީގެ ބަދަލުގައި އެ ކޮމެޓީއަށް ޕީއެންސީ ތަމްސީލު ކުރާ މެންބަރެއްގެ ގޮތުގައި ޝުޖާއު ހަމަޖައްސަވާފައިވާ ކަން ވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އިއުލާނުކުރައްވައިފައެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އެފްއައިޔޫގެ ރިޕޯޓަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫން ކަން އެމްއެމްއޭ އިން މިހާތަނަށް ކަށަވަރު ކޮށެއް ނުދެއެވެ. އަދި އެ ރިޕޯޓު ޝުޖާއު ވެސް ވަނީ ދޮގު ކުރައްވާފައެވެ. ނަމަވެސް އެ ރިޕޯޓާ ގުޅޭ ތަހުގީގެއް ހިންގާ ކަމަށް ފުލުހުން އިއްޔެ ވަނީ ހާމަކުރައްވާފައެވެ.



