ބެންކު ރޭޓުގައި ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި މިއަދު މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ވެރިން ހާޒިރުކޮށް ބާއްވަން ތާވަލު ކުރި މާލިއްޔަތު ކޮމިޓީ ބައްދަލުވުން، އެ އިދާރާއިން އެދިގެން ސިއްރުކޮށްފިއެވެ.
ބައްދަލުވުން ސިއްރުކުރުމުގެ ކުރިން އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ބޭނުންފުޅުވަނީ ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ކަމަށެވެ.
ނަމަވެސް އެ ހުށަހެޅުމާ ދެކޮޅު ހައްދަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މުޅި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ނުފެންނަ ކަމަށާއި ޑޮލަރުގެ ދަތިކަމުގެ މައްސަލައިގައި އާންމުންގެ އެތައް ކަންބޮޑުވުމެއް ހިމެނޭ ކަމަށެވެ.
ނަމަވެސް މާލިއްޔަތު ކޮމިޓީގެ ގިނަ މެންބަރުންގެ ތާއީދާއެކު ނިންމާފައިވަނީ އެ ބައްދަލުވުން ސިއްރު ކުރުމަށެވެ.
ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސްއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަހްމަދު އައިފާނެވެ.



