ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފިއެވެ.
ޞާބިރު ދިވެހި ދައުލަތަށް ކޮށްދެއްވި ޚިދުމަތުގެ ތެރޭގައި 15 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން ހިމެނެއެވެ.
އަދި ޚާއްޞަ ގޮތެއްގައި އެ މަނިކުފާނު ފާހަގަވެގެންދަނީ ދިވެހި ޤައުމުގެ އިޤްތިޞާދާބެހޭ ދާއިރާތަކުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ރާއްޖެއިން ބޭރު ޤައުމުތަކުގައި އިޝްތިހާރު ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި ރާއްޖޭގެ ޚާރިޖީ ދާއިރާގައި ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެއެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އަގުވަޒަންކޮށް ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ޞާބިރަށް އަރުވާފައި ވަނީ ޖުލައި 27 ވަނަ ދުވަހު އެވެ.
ޙަސަން ޞާބިރު އަވަހާރަވީ ޖުލައި 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޞާބިރު އަވަހާރަވީ ޢުމުރުން 73 އަހަރުގައެވެ.



