ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދަނޑުވެރިކަން ކުރާ މީހުންގެ އަދަދު 6،000 އަށްވުރެ ގިނަ ނަމަވެސް، ދަނޑުވެރިނަފާ ލޯނަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ލޯނު ނަގާފައިވަނީ 45 މީހުން ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި ލޯނަކީ އެ މިނިސްޓްރީން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އާ ގުޅިގެން ދޫކުރާ ލޯނެކެވެ.
ދަނޑުވެރިކަން ކުރިއެރުވުމުގައި އިތުރު އެހީތެރިކަން ފޯރުކޮށްދޭން 2019 ވަނަ އަހަރު މި ލޯނު ދޫކުރަން ފެށިނަމަވެސް، މިހާތަނަށް ކުރިމަތިލީ ދަނޑުވެރިންގެ ތެރެއިން، ލޯނު ދީފައިވަނީ 45 ދަނޑުވެރިއަކަށެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ބުނެފައިވަނީ ދަނދުވެރިންގެ ޕޯޓަލްގައި ރަޖިސްޓަރީކޮށްފައި 6،699 ދަނޑުވެރިން ތިބި ކަމަށެވެ. އެހެންނަމަވެސް، ދަނޑުވެރިނަށް ދޫކުރާ ޚާއްސަ ލޯނަށް ކުރިމަތިލާ ދަނޑުވެރިންގެ އަދަދު ނިސްބަތުން މަދުކަން އެ މިނިސްޓްރީން ބުންޏެވެ.
ދަނޑުވެރިނަފާ ލޯނުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ފާހަގަކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.




