މާލޭގައި ހިންގަމުން އަންނަ ކެފޭއެއްގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުން އައި 2 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސްއިން ހޮނިހިރު ދުވަހުގެ ހަވީރު މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ އިރު ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑު ކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން މިދިޔަ މަހުގެ 10ވަނަ ދުވަހު ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.
އަދި މި އޮޕަރޭޝަނުގައި އެ ތަންތަނުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.




