ގަލޮޅު މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ގަލޮޅު މޯޗަރީ ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށެވެ.
އެގޮތުން އެ އިމާރާތް އަޅާނީ ހުޅުމާލޭގައި މިހާރު ހިނަވާގެ ހުރި ސަރަޙައްދުގައި ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ސިޓީ ކައުންސިލުން ބުނީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެ ޚިދުމަތް ހުލުމާލެއަށް ބަދަލުކުރުން ކަމަށެވެ.
އަލަށް ތަރައްޤީކުރާ އިމާރާތައް މިހާރު ބޭނުންކުރާ މޯޗުރީގައި ހުރި ސިސްޓަމްތަކުގެ އިތުރުން އިތުރު 4 ސިސްޓަމް އިތުރުކޮށް ކެޕޭސިޓީ 10އަކަށް އިތުރު ކުރާނެ ކަމަށްވެސް އެ ކައުންސިލުން ބުނެފައި ވެއެވެ.
މީގެ އިތުރުން 2 ސްޓާފުންނަށް ތިބެވޭގޮތަށް އެކަމަޑޭޝަންވެސް ޤާއިމުކުރާނެ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
ގަލޮޅު ސަހަރާގެ މޯޗަރީއަކީ 50 އަހަރު ވެފައިވާ ތަނެކެވެ. ދެ މީހުންގެ ހަށިގަނޑު ބޭއްވޭ ޖާގައާއެކު ހުޅުވި އެ މޯޗަރީގައި މިހާރު 6 މީހުންގެ ހަށިގަނޑު ބޭއްވެއެވެ. ހުޅުމާލޭގައި އަލަށް ހަދާ އިމާރާތާއެކު ކެޕޭސިޓީ 10އަށް އިތުރުވާނެއެވެ.



