ކަނޑު އުޅަނދުފަހަރުގެ ޙަރަކާތްތައް މޮނިޓަރ ކުރެވޭނެ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން ޤާއިމުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ސީޕޯޓު ޑިވިޜަނުން މިހާރު ވަނީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރ ކުރުމުގެ ނިޒާމެއް ޤާއިމުކޮށްފައި ކަމަށެވެ.
“މި އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެ“ އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެއް ކަމަށެވެ.
މިގޮތުން މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރެއެވެ.
މީގެ އިތުރުން ކުރިއާއި ޚިލާފަށް މިހާރު ރާއްޖެއަށް އަންނަ ބޯޓުފަހަރުގެ އީޓީއޭ ލިބުމުގެ ސަބަބުން ބޯޓުފަހަރަށް އޮފިސަރުން ދިޔުމަށް ވާންޖެހޭ ތައްޔާރީތައް ފަސޭހަކަމާއެކު ކުރިއަށްދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.


