ފަތުރުވެރިކަން އިސްތިހާރުކުރަން ބޭނުންކުރެވޭނީ އިޖްތިމާއި މިންގަނޑަށް ފެތޭ ކޮންޓެންޓު ކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ އެ މިނިސްޓްރީން އެކުލަވާލި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިސްތިހާރު ކުރުމާއި ބެހޭ ގަވާއިދުގައެވެ.
މިނިސްޓްރީން ބުނީ މި ގަވައިދުގެ މަޤްޞަދަކީ ބޭރު ދުނިޔޭގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޝައުގުވެރިކަން އުފެއްދުމަށް ކުރާ އެކިއެކި އިސްތިހާރު ނުވަތަ ދެވޭ މައުލޫމާތަކީ ސައްހަ މަޢުލޫމާތު ކަން ކަށަވަރު ކުރުމާއެކު ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަނާއި ގުޅޭގޮތުން އެތާނގެ މާހައުލާއި ލިބެން ހުންނާނޭ އެހެނިހެން ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޢާއްމުކުރުމުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންނުވާނެ ގޮތުގެ މަތިން ފަތުރުވެރިންނަށް ތަސައްވަރުކޮށްދިނުން ކަމަށެވެ.
އެގޮތުން މިނިސްޓްރީން ބުނީ ފަތުރުވެރިކަމާއި ގުޅުންހުރި އިސްތިހާރު ކުރާއިރު އެ އިސްތިހާރެއް ވާންވާނީ އަދި ދެވޭ މެސެޖް އޮންނަންވާނީ ރާއްޖޭގެ ޤާނުނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ އިސްތިހާރުތަކުގައި އިޖުތިމާއީ މިންގަނޑުތަކާއި، ސަގާފީގޮތުން ނުވަތަ ދީނީގޮތުން ނޭދެވޭ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓު ހިމަނައިގެން ނުވާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ މި ގަަވައިދުގެ ދަށުން އިސްތިހާރެއް ކުރާއިރު ކުރަންޖެހޭނީ ވަށައިގެންވާ މާހައުލާއި ލިބޭ ޚިދުމަތްތަކާއި ގުޅޭގޮތުން ސައްހަ މަޢުލޫމާތުކަމަށާއި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ތަންތަނުން ކުރާ އިސްތިހާރުތަކުގައި އެފަދަ ތަންތަނާބެހޭ ގޮތުން ދޭންވާނީ ސައްހަ މަޢުލޫމާތުކަމަށްވެސް ވަނީ ބުނެފައެވެ.
މި ގަވައިދުގެ ދަށުން އިސްތިހާރު ކަމަށް ބުނެފައި ވަނީ ޕްރިންޓް، ޑިޖިޓަލް، އޮންލައިން، ވީޑިއޯ އަދި ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި ކުރާ އިސްތިހާރުތަކެވެ.
މިނިސްޓްރީން ބުނީ މި ޤަވައިދު ހިނގާނެ ދާއިރާތަކަކީ ޓޫރިސްޓް ރިސޯޓު, އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު, ޕްރައިވެޓް އައިލެންޑް ޓޫރިސްޓް ހޮޓާ, ޓޫރިސްޓް ގެސްޓް ހައުސް, ޓޫރިސްޓް އުޅަނދު ޔޮޓު, ބަނދަރު ފީނުމުގެ ޚިދުމަތްދޭ ތަންތަން އަދި މޫދު ކުޅިވަރު ޚިދުމަތްދޭ މަރުކަޒާއި ވޯޓަރ ރިލޭޓަޑް ސްޕޯރޓްސް އެންޑް އެކަސްކަރޝަން ސެންޓަރުތައް ކަމަށެވެ.



