ކާމިޔާބު އެތައް ފިލްމެއް އުފައްދާފައިވާ ރާއްޖޭގެ މަޝްހޫރު އެއް ޕްރޮޑަކްޝަންހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން އަލަަށް އުފައްދާ ”މޫސުން“ ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ދެން މާގިނަ ދުވަހެއް ކަމުގެ އިޝާރާތެއް ދައްކާލައިފިއެވެ.
މީޑިއާނެޓްގެ ވީޑިއޯކްލަބްއިން ދެއްކުމަށް ތައްޔާރުވަމުންދާ މި ވެބްސީރީޒްގެ ދެ ޕޯސްޓަރު ޑާކްރެއިނުން މިހާރު ވަނީ އާންމުކޮށްފައެވެ.
ރާއްޖޭގެ އެކި ޒަމާންތަކުގެ މަންޒަރުތައް ދައްކުވައިދޭ މި ވެބް ސީރީޒަކީ ޑާކްރެއިންގެ ގިނަ އުފެއްދުންތައް ޑައިރެކްޓު ކޮށްފައިވާ ހުނަރުވެރި އަލީ ޝިފާއު (ޗިއްޕެ)ގެ ޑައިރެކްޝަނެކެވެ. އޭނާވަނީ މިއަހަރުވެސް ޑާކްރެއިންގެ ކާމިޔާބު އެތައް އުފެއްދުންތަކެއް ޑައިރެކްޓު ކޮށްފައެވެ. އޭގެތެރޭގައި ”ރޯލީމޭ“ އާއި ”ފެށުމާއި ނިމުން“ ވެސް ހިމެނެއެވެ.
މުޅިއަކު 10 އެޕިސޯޑް ހިމެނޭ ”މޫސުން“ އާންމުންނަަށް ފެންނާނީ މީޑިއާނެޓްގެ އެމްއެސް ކްލަބުންނެވެ.
”މޫސުން“ ގެ ކާސްޓުންގެ ތެރޭގައި ދަރާ މުޙައްމަދު ރަޝީދު، އައިޝާ އަލީ، މުހައްމަދު މަޒީން، ސާމީ ހުސައިން، އައިމިނަތު ޝުހާ، އަލީ ޝަޒްލީމް، މުޙައްމަދު ޔާމިން އަލީ، އައިޝަތު ގުލްފާ، މުހައްމަދު ވިޝާލް (ރޯމަން) ހިމެނެއެވެ.
މި ވެބްސީރީޒް ދައްކަން ފަށާނެ ދުވަސް އަދި އާންމު ކޮށްފައެއް ނުވެއެވެ.




