ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އޭނާގެ ނަން އަނބުރާ ނެންގެވުމުން، އެ މަގާމަށް ކުރިމަތިލުމަށް މިއަދު އަނެއްކާ ވެސް ހުޅުވާލައިފިއެވެ.
ޝަހީދު އެ މަގާމަށް އައްޔަނު ކުރަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. އަދި އެކަން ހުއްޓުވުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދު މައްސަލައެއް ވެސް ސިވިލް ކޯޓަށް ހުށަހެޅުއްވިއެވެ.
ނައުޝާދު ހުށަހެޅުއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެއެވެ.
އެހެންކަމުން މިމަހުގެ 3ވަނަ ދުވަހު ޖޭއެސްސީ އަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ، އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެކަމަށް އެދިވަޑައިގަތީ އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.
ކުރިން ހުޅުވާލި ފުރުސަތުގައި 17 ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، ޖޭއެސްސީއިން ނިންމީ އަނެއްކާވެސް ކުރިމަތިލުމަށް ހުޅުވާލުމަށެވެ. ކޮމިޝަނުގެ ނިންމުމާ އެކު މިއަދު ކޮމިޝަނުން ވަނީ އެކަމުގެ އިއުލާން ނެރެފައެވެ.




