ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީއާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ)އާ ދެމެދެ ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން މިއަދު ބުނީ މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.
އަދި އެ ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ މި ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަޤީން ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހަމައެހެންމެ އެ ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެހެން މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ފުދުންތެރިކަން އިތުރުކުރެވި، އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދޭނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެެ އިތުރުން އުފާވެރި، ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މިފަދަ މަސައްކަތުގެ ތެރެއިން އެ ފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރެވި، އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި މިއީ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމެއް ކަމަށް އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނެފައި ވެއެވެ.



