ސްކޫލް މުދައްރިސުންނަށް އަމާޒުކޮށް ރިސާލަތު އަދި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސްކޫލް މުދައްރިސުންނަށް އަމާޒުކޮށް މާލޭގައި ރިސާލަތު އަދި ނަމާދު މަތިވެރިކުރުން ޕްރޮގުރާމުގެ ދަންފަޅިއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަންފަޅިއެއް ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ.
“މި ދަންފަޅީގައި މާލޭގެ ބައެއް ސްކޫލްތަކުގެ މުދައްރިސުންނާއި އަތޮޅުތެރޭ ބައެއް ސްކޫލްތަކުގެ މުދައްރިސުން ހިމެނޭހެން 28 މުދައްރިސުން ވަނީ ބައިވެރިވެފައި“ އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ދަންފަޅި ނަންގަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ވާޢިޡުންކަމަށްވާ އައްޝައިޚް ޢަބްދުﷲ މިފްޒާލް، އައްޝައިޚް އަޠީފް އަބޫބަކުރު އަދި އައްޝައިޚް އަޙްމަދު ފަޙްމީ ދީދީއެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




