އުމުރުން ހަގު ބައެއް އެކްޓަރުންނާއެކީ މަސައްކަތް ކުރަން ބޭނުންނަމަ، ބަރުދަން ލުއިކުރަން ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން މަޖުބޫރުކުރި ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ވިދްޔާ ބާލަން ބުނެފިއެވެ.
ގިނަ ހިޓް ފިލްމުތަކެއް ކުޅެފައިވާ އުމުރުން 46 އަހަރުގެ ވިދްޔާ ދާދިފަހުން ފިލްމްފެއަރ އަށް ދިން އިންޓަވިއު އެއްގައި ބުނީ، ފިލްމެއްގެ މަސައްކަތް ނިންމުމުން އެއީ އެހާ ފަސޭހަކަމެއް ކަމަށް ބައެއް މީހުންނަށް ހީވިކަމުގައިވިޔަސް، އެ ފިލްމަކަށް ކުރަންޖެހޭ މަސައްކަތް އެހާ ބުރަ ކަމަށެވެ. އަދި ތިމާއަށްވުރެ ހަގު، މަޝްހޫރު އެކްޓަރުންނާއެކީ މަސައްކަތް ބޭނުންނަމަ އެކްޓްރެސުންނަށް އަންނަ ޕްރެޝަރު ބޮޑުކަން ވެސް ވިދްޔާ ފާހަގަ ކުރިއެވެ.
މިސާލެއްގެ ގޮތުން އޭނާ ބުނީ، އޭނާ ކުޅުނު ”ކިސްމަތު ކަނެކްޝަން“ ގައި ޝާހިދު ކަޕޫރާއާއެކީ މަސައްކަތް ކުރާތީ ބަރުދަން ލުއިކުރަން ޑައިރެކްޓަރު ބުނި ކަމަށެވެ.
”އަހަންނަށްވުރެ ޝާހިދު ދެ އަހަރު ހަގު ކަމަށްވާއިރު، އޭނާއާއެކީ ފިލްމު ކުޅެން ބޭނުމިއްޔާ ތަންކޮޅެއް ޒުވާންވައްތަރު ޖަހަން ޖެހޭނެ ކަމަށާއި އެހެންވެ ވަރަށް ބޮޑަށް ބަރުދަން ލުއިކުރަން ޖެހޭނެ ކަމަށް ބުނި“ ވިދްޔާ ބުންޏެވެ.
ވިދްޔާ ބުނީ 2019 ވަނަ އަހަރުން ފެށިގެން އޭނާ ކުޅެފައިވާ ކޮންމެ ފިލްމަކަށްވެސް އެންމެ ފުރަތަމަ ޝޫޓް ކުރަން ފެށުމުގެ ކުރިން ޑައިރެކްޓަރުން އަހާ ސުވާލަކީ އެ ކެރެކްޓަރަކަށް އޭނާގެ ބަރުދަން ލުއި ކުރެވޭނެތޯއެވެ.
ކިތަންމެ ވަރަކަށް ބަރުދަން ލުއިކުރަން މަސައްކަތް ކުރިޔަސް އެވަރަށް ލުއިނުވާ ކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް އަސަރު ކުރިކަމުގައި ވިދްޔާ ބުންޏެވެ. ވިދްޔާ ބުނީ އެކަން އޭނާގެ ޓްރެއިނަރަށްވެސް ނުވިސްނުނު ކަމަށާއި އެކަން އެހެން ދިމާވަނީ އޭނާގެ ހަށިގަނޑުގައި ހުންނަ ހޯމޯނަލް މައްސަލައެއްގެ ސަބަބުންކަން ފަހުން އެނގުނު ކަމަށެވެ.



