ފުވައްމުލަކު ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުވައްމުލަކު ފުނާޑު، ހުސްނުހީނާ މަގުން ދުއްވާފައިދިޔަ ސައިކަލެއް ފާރެއްގައި ޖެހިގެން ކޮންޓްރޯލު ނުވެ ގޮސް، އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:40 ހާއިރެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 3:38 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




