ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރާތާ ހަތަރު މަސްވާއިރު، ޔުމްނުގެ ބަޔާން އަދިވެސް ނުދޭ ކަމަށް ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 18ވަނަ ދުވަހުގައެވެ.
ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އޭނާގެ އާއިލާގެ ފަރާތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވްއެއްގައި ބުނެފައިވަނީ އެއީ ޔުމްނު އަމިއްލައަށް ކުރިކަމެއް ނޫން ކަމަށެވެ.
ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލާ ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.
މިމައްސަލަ ބަލަމުންދާ ގޮތާމެދު ފުލުހުންނަަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށް، ފުލުހުން ވިދާޅުވީ މި ހާދިސާއާ ގުޅިގެން ޔުމްނުގެ ބަޔާނެއް ނެގުމަކީ މުހިންމު ކަމަކަށްވާއިރު، އޭނާގެ އާއިލާއިން އެކަމަށް ދެކޮޅު ހަދައި އެ ފުރުސަތު ދީފައިނުވާ ކަމަށެވެ.
އޭގެފަހުން މިކަމާ ގުޅޭގޮތުން މިއަދު ސުވާލު ކުރުމުން، ފުލުހުން ވިދާޅުވީ އަދިވެސް ޔުމްނުގެ ބަޔާން ނުދޭ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. އަދި ހޮސްޕިޓަލުން އޭނާ ދޫކޮށްލާފައިވަނީ ޖޫން މަހުގައެވެ. ނަމަވެސް އޭނާ އޮތީ ބަޔާން ދެވޭފަދަ ހާލަތެއްގައެއް ނޫން ކަމުގައި އާއިލާއިން ވަނީ ބުނެފައެވެ.




