ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ލިސްޓަށް ކުރީގެ ސަރުކާރުގައި ގުރުއަތު ނެގިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ކަނޑަނާޅައި، 75 އަށް ވުރެ މަތިން ލިބުނު މީހުންނަށް ފްލެޓް ކަނޑައަޅަން ގުރުއަތު ނަގައި ފްލެޓް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ފްލެޓު ދިނުމުގެ އެއްބަސްވުމުގެ މަރުހަލާގައި މި މައްސަލަ ފެންމަތިވުމުން، އޭސީސީއަށް މި މައްސަލަ ހުށަހެޅީ ހައުސިންގް މިނިސްޓްރީގެ ފަރާތުުންނެވެ.
އެ މިނިސްޓްރީން ބުނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެގޮތުން ހައުސިންގް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފްލެޓްތައް ކަނޑައެޅުމަށް 2023 ނޮވެމްބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ގުރުއަތު 76 އަށް ވުރެ މަތިން މާކްސް ލިބި އެ ފަރާތްތަކަށް ލިބެން ޖެހޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކެއް ހުރި ކަމަށް އެ މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށެވެ.
މިކަން ހިނގާފައިވާ ގޮތް ބެލިއިރު، މިއީ ފްލެޓް ހޯދަން ހުށަހަޅާފައިވާ ފަރާތްތަކެއްގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ވަކި ބަޔަކަށް މަންފާ ހޯދައިދޭން ނުވަތަ ގެއްލުމެއް ދޭން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.




