އިންޑަސްޓްރިއަލް ވިލެޖްގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން އެންމެ ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއީ މިސަރުކާރުގެ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ.
މިނިސްޓަރު ސައީދު މިކަން ހާމަކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެންމެ ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރަމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށެވެ.
“ އިންޑަސްޓްރިއަލް ވިލެޖްގެ 2000 އަކަފޫޓުގެ ބިމެއްގައި އެސްޓީއޯއިން ދަނީ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ތަރައްޤީ ކުރަމުން“ ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ ޖަނަވަރީ 2025 އިން ފެށިގެން ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމަންޓް އެކްޓިވްވެފައިވާ ކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އަސާސީ ކާބޯތަކެތީގެ ވަރަށް ގިނަ ބާވަތްތައް މިހާރު ޗައިނާއިން ރާއްޖެއަށް ގެންނަމުންދާކަމަށާއި ކުރިން ޑިއުޓީ ނަގަމުންދިޔަ ގިނަ ބާވަތްތަކެއްވެސް މިހާރު ޑިއުޓީ މައާފްވެފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.




