ފ. ނިލަންދޫގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެ ތަމްރީން ޕްރޮގްރާމް ނިލަންދޫގައި ފެށީ މި މަހުގެ 4ވަނަ ދުވަހު ކަމަށެވެ.
އެ ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 04 އިން 08 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވަނީ ފިޝަރީޒް މިނިސްޓްރީގެ ފަންނީ ތިން މުވައްޒަފުން ކަމަށެވެ.
މި ތަމްރީނުގައި ޖުމްލަ 11 ފަރާތަކުން ބައިވެރިވެފައި ވާއިރު އެއީ 06 އަންހެން ބޭފުޅުންނާއި 05 ފިރިހެން ބޭފުޅެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެ ތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދޭނެކަމަށެވެ.
މީގެ އިތުރުން ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ބައެއް ހުނަރު ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.


