ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ އައު ފާމަސީއެއް ހުޅުވައިފިއެވެ.
އެސްޓީއޯއިން ހުޅުމާލޭގައި އަލަށް ހުޅުވި ފާމަސީ ”އެސްޓީއޯ ފާމަސީ ސެންޓްރަލް“ ގެ ޚިދުމަތް އިއްޔެއިން ފެށިގެން ވަނީ ރައްޔިތުންނަށް ދޭން ފަށާފައެވެ.
މި ފާމަސީއަކީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް، އެ ކުންފުނީގެ މިދިޔަ އަހަރުގެ އާންމު ޖަލްސާގައި ހާމަކުރެއްވި ފަދައިން، ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައި ޤާއިމްކުރެވިފައިވާ ފާމަސީއެކެވެ.
އެސްޓީއޯއިން ބުނިގޮތުގައި، މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، މި ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒަރ ފަދަ ތަކެތި ވިއްކުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.
މި ފާމަސީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ހުންނާނެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ.



