ތެލަސީމިއާ ދެ ކެރިއަރުން ކައިވެނިކުރުމުގެ ކުރިން ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭ ގޮތަށް އިސްލާހު ފާސްކޮށް ގާނޫނުގައި ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އެ އިސްލާހު ހުށަހަޅާފައި ވަނީ އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު އެވެ.
އެގޮތުން މި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެެރެއިން 60 މެންބަރުންގެ ވޯޓާއެކުއެވެ.
އެ އިސްލާހުގައި ބުނީ ރާއްޖޭގައި ކައިވެނި ކުރުމަށް ހުށަހަޅާ ދެ ފަރާތުގެ ތެލަސީމިއާ ޓެސްޓުގެ ނަތީޖާއަށް ބަލާ އެ ދެ ފަރާތަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައި ވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ އަލަށް ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފަހު ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭ ފަރާތްތަކާއި އެ ޕްރޮގްރާމުގައި ހިމަނަން ޖެހޭ ބައިތައް ގަވައިދުގައި ބަޔާންކުރަންވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ އިސްލާހުގައި ވަނީ ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ގާނޫނުގައި ބަޔާން ކުރަންވެސް ހުށަހަޅާފައެވެ.
އެ މަޤާމަށް މީހަކު އައްޔަން ކުރާނީ މިނިސްޓަރުގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަމަށްވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
އަދި އެ މަޤާމަށް މީހަކު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހަށް ކަމަށާއި އެ މީހަކު ވާންޖެހޭނީ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 9ގެ ސަނަދެއް ހާސިލްކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.



