މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯޕަން މާކެޓް ފަށައި އެތަނަށް 2.1 ބިލިއަން ރުފިޔާ ވައްދައިފިއެވެ.
މިކަމާ ގުޅޭގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނީ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް، މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް މިދިޔަ މަހުގެ 23 ގައި ފަށާފައިވާ ކަމަށެވެ.
ރިވާސް ރީޕަޗޭސްގެ ފުރަތަމަ އޮޕަރޭޝަނުން ވަނީ ބޭންކިން ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކޮށްފަ އެވެ. އެމްއެމްއޭ އިން ބުނީ، އަމާޒަކީ ދައުރުވާ ފައިސާ 2-3 ބިލިއަން ރުފިޔާއަށް ދަށްކުރުން ކަމަށެވެ.
އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި އިގްތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފައެވެ.
މި އަހަރުގެ ޖޫން މަހު ބޭންކިން ނިޒާމުގައި ރުފިޔާ ލިކިއުޑިޓީގެ ގޮތުގައި އެވްރެޖްކޮށް ހުރީ ހަތް ބިލިއަން ރުފިޔާ އެވެ. އެއީ، އަހަރުން އަހަރަށް ބަލާއިރު ދެ ޕަސެންޓު އިތުރު އަދަދެކެވެ.




