ގެދޮރުވެރިޔާ ސްކީމަށް އަލުން ފުރުޞަތު ހުޅުވާލި ކަމަށް ބުނެ، ސްކޭމް މެސެޖުތަކެއް ދައުރުކުރަން ފަށައިފިއެވެ.
މިކަންހާމަކޮށް ފުލުހުން މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނީ ދައުރުވަމުން އަންނަ ސްކޭމް މެސެޖުގައި ގެދޮރުވެރިޔާ ސްކީމަށް ކުރިންލާފައިވާ ފޯމުތައް ބާތިލުކޮށް އަލުން ފޯމުލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި އެ ހައުސިން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން ޑިޗެލެޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށް އެ މެސެޖުގައި ބުނެފައިވާ ކަމަށް ފުުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން އެ ސްކީމަށް ކުރިމަތިލާން އެދޭ ފޯމު ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ އެ މެސެޖުގައި ލިންކެއްވެސް ހިމަނާފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ ދައުރުވަމުން އަންނަނީ ސައްހަ މެސެޖެއް ނޫން ކަަމަށާއި އެއީ ސްކޭމެއް ކަމަށެވެ.
އެހެންކަމުން ފުލުހުން ވަނީ އެ ސްކޭމްއިން ރައްކާތެރިވުމަށް އާންމު ރައްޔިތުން ސަމާލުވުމަށް އެދިފައެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް މިފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ އެންޓި ސްކޭމް ސެންޓަރަށް ވަގުތުން ރިޕޯޓުކުރުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރެވޭނެއެވެ.



