ހަވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް (އެމް.އެމް.އެސް.އެސް) 2026 އަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ދިވެހިރާއްޖޭގެ ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރައްވާ ފަރާތްތަކަށް އެބްސްޓްރެކްޓް ހުށަހަޅަން ލިބުނު ފުރުސަތެއް ކަމަށެވެ.
އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހުގެ 14:00 ޖެހުމާ ހަމައަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ހަވަނަ އެމް.އެމް.އެސް.އެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 4 އިން 5 ވަނަ ދުވަހު، މާލޭގައެވެ.
“މި ސިމްޕޯޒިއަމްގެ ސަބަބުން ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ޢަމަލީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނެއްގައި ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މުހިންމު މަޢުލޫމާތު ތަކެއް ލިބި، މުހިންމު ކޮލާބޮރޭޝަންތަކަށް ފުރުޞަތުތައް ހުޅުވިގެންދާނެ. މިއީ ރާއްޖޭގެ ކަނޑުގެ ދިރާސާތައް ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއް“ ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ސިމްޕޯޒިއަމް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ތިމާވެއްޓާއި ދިރުންތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަށް އެބްސްޓްރެކްޓް ހުށަހެޅުމަށް އެދިފައެވެ.
މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމްއަކީ ރާއްޖޭގައި މެރިން ސައިންސް ދާއިރާއިން ކުރާ ދިރާސާތަކުގެ މަސައްކަތްތައް އެއްތަނަކުން ހިއްސާކުރެވޭ މައިގަނޑު ޕްލެޓްފޯމެވެ.
މި ސިމްޕޯޒިއަމްގެ މައިގަނޑު މަޤްޞަދަކީ ކަނޑުތަކާ ގުޅުންހުރި ޢިލްމީ ދިރާސާތަކާއި، ހޯދުންތައް ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ޢަމަލީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނެއްގައި ބައްދަލުކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ދިނުމެވެ.



