މުދައްރިސުން ނުލިބުމުގެ މައްސަލައާ ކުރިމަތިވީ ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކޮށްފައިނެތުމުން ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަފީއު ވިދާޅުވީ އުގެނުމުގައި ޚާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް، އެއްވެސް ތަމްރީނެއް ލިބިފައިނެތް ފަރާތްތަކެއް ބޭނުންކުރުމަށްވުރެ، އެދާއިރާއިން ޑިޕްލޮމާއަކާއެކު ތަމްރީނުވެގެން ނިކުންނަ މުދައްރިސުން މާ ރަނގަޅުވާނެ ކަމަށާއި އެފަރާތްތަކަށް އެފުރުސަތު އޮންނަންވާނެ ކަމަށެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން އުފެއްދުމަށް 1 އަހަރު ދުވަހުގެ ޑިޕްލޮމާ ފެންވަރުގެ ކޯސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އަދި ވިލާ ކޮލެޖުގައި އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ވަނީ ހަމަޖައްސާފައެވެ.
މި ކޯސް ކުރިއަށްގެންދާނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެންނެވެ. ކޯހުގައި ކިޔަވާނީ 8 މޮޑިއުލްއެވެ. މީގެއިތުރުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް 4 ވޯކްޝޮޕެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މިކަމާ ގުޅޭގޮތުން ކުރީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ ކްލާސްރޫމްގައި އަޅާލުންތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވާދިނުމަށް ބޭނުންވާ ހުނަރުތަކާއި މަޢުލޫމާތު އެންމެ އަހަރެއްގެ ޑިޕްލޮމާ ސަނަދަކުން ހާސިލުކުރެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ދިވެހިރާއްޖެއަށް ކުރިމަތިވެފައި މިވަނީ މުދައްރިސުން ނުލިބުމުގެ ކާރިސާއަކާ ކަމަށެވެ.
އެގޮތުން މުދައްރިސުންގެ ދުޅަހެޔޮކަމަށާއި ވަޒީފާގެ ރައްކާތެރިކަމަކަށް ފަރުވާލެއް ނުބެހެއްޓުމުގެ އިތުރަށް، އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ފާއިތުވެދިޔަ ކައިރި މާޒީގައިކޮށްފައި ނުވާކަމަށާއި މާލޭގައި ދިރިއުޅުމުގެ އަގާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކޮށް މުދައްރިސްކަން ފަސޭހައިން ކިޔެވޭގޮތަށް ކަންކަން ފަހިކޮށްދޭން ޖެހޭކަމަށް މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.




