ފުވައްމުލައް ސިޓީގައި އިޔާދަކުރަނިވި ހަކަތަ އިތުރުކުރަން މަޝްވަރާކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އިން ބުނީ ފުވައްމުލައް ސިޓީ ކައުންސިލާއި އެ މިނިސްޓްރީ ގުޅިގެން، ފުވައްމުލަކުގެ ހަކަތައިގެ މައްސަލައިގައި އިޔާދަކުރަނިވި ހަކަތައިގެ ބައި އިތުރުކުރުމާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުން ބޭއްވުނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ ފުވައްމުލައް ސިޓީގެ ހަކަތަ އުފެއްދުމުގައި އިތުރަށް އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމުގެ ގޮތުން ކަަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ބައްދަލުވުމުގައި، ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވަނީ، ސޯލާ ޕީވީ ހަރުކުރުމަށް އިތުރު ޖާގަ ކަނޑައެޅުމުގެ ރާވައިފައިވާ ކަން ހާމަކުރައްވާފައެވެ.
މޭޔަރު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރުމަށް ފުރުސަތު ހުޅުވާލުމަށް، ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީ.ޕީ.އޭ) މޮޑެލް ބޭނުންކުރުމަށް ރާވާފައިވާ ކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ފިޔަވަޅުތަކުގެ ބޭނުމަކީ، ފުވައްމުލައް ސިޓީގެ ހަކަތަ އުފައްދާ ނިޒާމްތައް އިތުރަށް ގްރީން ކުރުން ކަމަށެވެ.
އިޔާދަކުރަނިވި ހަކަތައިގެ ބައި އިތުރުކުރުމަކީ ތިމާވެއްޓަށް ދިމާވާ އަސަރުތައް ކުޑަކުރުމުގެ އިތުރުން، ދިގު މުއްދަތުގައި ހަކަތައިގެ ޚަރަދު ކުޑަކުރުމަށްވެސް އެހީތެރިވެދޭނެ މުހިންމު ކަމެކެވެ.
މިނިސްޓްރީން ބުނީ މި މަޝްވަރާތަކުން ދައްކުވައިދެނީ ފުވައްމުލައް ސިޓީއިން ތިމާވެއްޓަށް ރައްކާތެރި އަދި ދެމެހެއްޓެނިވި ހަކަތައަށް ބަދަލުވުމަށް ދޭ އަހަންމިއްޔަތުކަން ކަމަށެވެ.



