މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި, އެސްޑީއެފްސީ އާއިއެކު ހުޅުވާލި ގްރާންޓް ސްކީމްގެ ދަށުން، ދަނޑުވެރިންގެ އަމިއްލަ ގްރީން ހައުސް ޤާއިމްކުރުމަށް 6 ދަނޑުވެރިއަކާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ޕްރޮޖެކްޓްގެ ފަރާތުން ތަޢާރަފް ކުރެވުނު ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން ވިޔަފާރިއެއްގެ ސިފައިގައި ކުރިއަށްގެންދިއުމަށްޓަކައި މި ސްކީމް ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 2024 ގެ ތެރޭގައެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ އެ ފުރުސަތުގެ ތެރޭގައި 68 ފަރާތަކުން ގްރާންޓަށް އެޕްލިކޭޝަން ފޮނުވާފައިވާ ކަމަށެވެ.
އަދި އިތުރު 16 ފަރާތެއްގެ އެޕްލިކޭޝަންތައް ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އަކީ އެގްރިކަލްޗާ މިނިސްޓްރީ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކާއި ތަމްރީންތައް ހިންގުމަށް އުފައްދާފައިވާ ޕްރޮގްރާމެވެ.
މެޕްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.




