ނުރައްކާތެރިކޮށް މަގުމަތީގައި ވެހިކަލްތައް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
މި ބިލު ހުށަހެޅުމުގެ މަގްސަދަކީ ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާއިމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭނެ ހަމަތަކެއް މަގުފަހިކުރުން ކަމަށް މެންބަރު މީކާއީލް ވިދާޅުވެފައި ވެއެވެ.
އެގޮތުން މި އިސްލާހުގައިވާގޮތުން ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެކަމާއިމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ ކުށެކެވެ.
ހަމައެހެންމެ މި އިސްލާހު ފާސްވުމުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ މަރުވެދާނެ ގޮތަށް ފަރުވާލެއްނެތި ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ކުށެއްކަމުގައި ކަނޑައަޅާނެއެވެ.
މިގޮތުން މި އިސްލާހާއެކު ނުރައްކާވާނެފަދަ ގޮތަކަށް އޮވަރޓޭކް ކުރުމާއި ސްޕީޑް ލިމިޓް ބްރޭކު ކުރުންފަދަ ކަންކަންވެސް ބަލާނީ ޖިނާއީ ކުށެއްގެ ގޮތުގައެވެ.




