އަހަރެމެން ވާންޖެހޭނީ ރަސޫލާގެ ސަހާބީންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
“ޞަޙާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމު“ މި ނަމުގައި މިއަދު ދިން ހުކުރު ޚުޠުބާގައި ބުނީ އަހަރެމެން ނަބިއްޔާއަށް ފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ޞަޙާބީންނަށް ކަމަށާއި އަހަރެމެން އެންމެ ލޯބިކުރަނީ ނަބިއްޔާއަށް ފަހު، އެ ބޭކަލުންނަށް ކަމަށެވެ.
މި ވޭތުވެ ދިޔަ ޒަމާންތަކުގައި އަހަރެމެންގެ ޢިލްމުވެރީން، މަތިވެރިވެގެންވާ އާލުބައިތުންނާއި، މާތް ޞަޙާބީންނާއި ތާބިޢީންނަށް ބަދުބަސްބުނެ، އިސްލާމީ ތާރީޚުގައި ހިނގައިފައި ހުރި ފިތުނަތަކުގެ ވާހަކަތައް ދައްކައި ފަތުރައި، އެ ބޭކަލުންނަށް ކުޑައިމީސްކޮށް ހަދާފައި ނުވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
“އަހަރެމެން ވާންޖެހޭނީ އެ ބޭކަލުން މާތްކޮށް، އެ ބޭކަލުން ދެކެ ލޯބިވާ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެ ބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކުކަމުގައި“ ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނީ ”މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރީން އިސްނެންގެވި ބޭކަލުންނާއި، ހެޔޮ ގޮތުގައި އެ ބޭކަލުންނާ ތަބާވީ މީހުން الله، އެއުރެންނަށް ރުހިވޮޑިގެންފައިވާ ކަމަށާއި އެއުރެން ވަނީ އެ ކަލާނގެއަށް ރުހިގެން ކަމަށާއި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގައި ހުންނަ ސުވަރުގެތައް، އެ ކަލާނގެ އެއުރެންނަށް ޓަކައި ތައްޔާރު ކުރެއްވި ކަމަށެވެ.
ޚުޠުބާގައި ބުނީ އެކަލާނގެ ރުހިވޮޑިގެންނެވި ބަޔަކަށް އަހަރެމެން ރުހޭން ޖެހޭނެ ކަމަށާއި އަހަރެމެން އެ ބޭކަލުން މަތިވެރިކޮށް، އެ ބޭކަލުންނަށް ލޯބިކުރާން ޖެހޭނެ ކަމަށެވެ.
“ނަބިއްޔާގެ ޞަޙާބީންނަށް ކުޑައިމީސްކޮށް ބަސްބުނުން މަނާކުރައްވައި ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَسُبُّوْا أَصْحَابِيْ، فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا، مَا بَلَغَ مُدَّ أَحَدِهِمْ وَلَا نَصِيْفَهُ.) މާނައީ: ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ޞަހާބީންނަށް އެއްޗެހި ނުކިޔާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަ ހައި ރަން ހޭދަކުރިކަމުގައިވިޔަސް، އެއިން ބޭކަލަކު ހޭދަކުރެއްވި ކާބޯތަކެތީގެ މުއްދެއްގެ މިންވަރު ނުވަތަ އޭގެ ދެބައިކުޅަ އެއްބަޔާ ވެސް ސަވާބުގެ ގޮތުން އެއްވަރުނުވާ ހުއްޓެވެ.“ ޚުޠުބާގައި ބުނެފައި ވެއެވެ.
އުމަރުގެފާނު ވިދާޅުވެފައިވާކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.“ތިޔަބައިމީހުން ނަބިއްޔާގެ ޞަޙާބީންނަށް ބަދުބަސް ނުބުނާށެވެ! އެ ބޭކަލުންގެ ސާޢަތެއްގެ އަޅުކަން، ތިޔަބައިމީހުން ސާޅީސް އަހަރު ކުރާ އަޅުކަމަށް ވުރެ މާތްވެގެންވެއެވެ.“
ޚުޠުބާގައި ބުނީ އަޞްޙާބުބޭކަލުންނަކީ އެންމެ މާތް، އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުން ކަމަށެވެ.
މީގެ އިތުރުން އިސްލާމް ދީން އަހަރެމެންނާ ހިސާބަށް ފޯރުކޮށްދެއްވީ އެ ބޭކަލުން ކަމަށާއި އެ ބޭކަލުންނަށް ބަދުބަސް ބުނުން، އެ މީހެއްގެ ޢަޤީދާ ފާސިދުކަމުގެ ދަލީލަކަށް ފުދޭ ކަމަށެވެ.



