ޖިންސީގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގައި ހުކުމްކޮށްފައިވާ ”ސުންދަރަލިންގަމް ކޫޑަލިންގަމް އަކީ ދިވެއްސެއްކަމަށް ރިކޯޑްކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިހެން ބުނެފައި ވަނީ ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފައިވާ ”ސުންދަރލިންގަމް ކޫޑަލިންގަމް“ އަކީ ދިވެހިރާއްޖޭގެ ރައްވެހިކަން އޮންނަ ފަރާތެއް ކަމަށް ބުނެ، ބައެއް ނޫސް މީޑިއާތަކުގައާއި މީސްމީޑިއާގައި ދައުރު ކުރަމުންދާތީ އެކަމަށް އިޝާރާތްކޮށެވެ.
އެގޮތުން ހޯމް މިނިސްޓްރީން މިއަދު ބުނީ ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ރިކޯޑުތަކުގައި، އެ ނަން ކިޔާ ދިވެހި ރައްޔިތަކު ރިކޯޑުކުރެވިފައި ނުވާކަމަށެވެ.
މީގެ އިތުރުން، މޯލްޑިވްސް އިމިގްރޭޝަނުގެ ރިކޯޑުތަކުގައިވެސް، އެއްވެސް އިރެއްގައި، އެ ނަން ކިޔާ ފަރާތަކަށް ދިވެހި ޕޯސްޕޯޓެއް ހައްދާދީފައި ނުވަތަ ދޫކޮށްފައިވާކަން އެނގެން ނެތް ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންކަމުން، ”ސުންދަރލިންގަމް ކޫޑަލިންގަމް“ އަކީ ދިވެހި ރައްޔިތެއް ކަމަށް ލިޔެ، ދައުރުކުރަމުންދާ ޚަބަރަކީ އެއްވެސް އަސްލެއް އެކުލެވިގެންވާ ޚަބަރެއް ނޫން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިފަދަ ކަންކަމުގައި އެކި މަންސަތަކުގައި ޚަބަރު ފަތުރާއިރު، ޞައްހަ މަޢުލޫމާތު ފެތުރުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފައެވެ.




