ގާނާގެ މިލިޓަރީ އެއަރކްރާފްޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ގާނާގެ މިލިޓަރީ އެއަރކްރާފްޓެއް ވެއްޓުުމުގެ ހިތާމަވެރި ހާދިސާގައި އެ ޤައުމުގެ ޑިފެންސް މިނިސްޓަރާއި އެންވަޔަރަންމަންޓް މިނިސްޓަރު އަދި އެ ޤައުމުގެ އިތުރު އޮފިޝަލުން ވަނީ އަވަހާރަވެފައެވެ.
އެ ހާދިސާއާ ގުޅިގެން އެ ޤައުމުގެ ފޮރިން މިނިސްޓަރު ސެމިއުލް އޮކުޒެޓޫ އަބްލަކްވާއަށް، މިނިސްޓަރު ޚަލީލު ވަނީ ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
”ގާނާގެ ޑިފެންސް މިނިސްޓަރ އެޑްވަރޑް އޮމަނެ ބޮއަރމަރ އަދި އެންވަޔަރަންމަންޓް މިނިސްޓަރ އިބްރާހީމް މުރްތަޟާ މުޙައްމަދު އަދި އިތުރު އޮފިޝަލުން ދަތުރުކުރައްވަމުން ގެންދެވި މަތިންދާބޯޓު ވެއްޓި އަވަހާރަވި ހިތާމަވެރި ޚަބަރު އަޅުގަނޑު އަޑުއެހީ ކުއްލި ސިހުމަކާއި ފުން ހިތާމައާއެކު“ މިނިސްޓަރު ހަލީލްގެ މެސެޖުގައި ވިދާޅުވެފައި ވެެއެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ ގާނާގެ ގައުމީ ހިތާމައިގެ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެ މަނިކުފާނުގެ އަމިއްލަ ނަމުގައި، ގާނާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ކިޔާ ކަަމަށެވެ.



