ފަލަސްތީނުގެ ޣައްޒާއަށް ޔަހޫދީ އަސްކަރިއްޔާއިން އެއްކޮށް ވެރިވެގަނެ، ޣައްޒާ ހިފަން ނިންމި ކަމުގައިވިޔަސް، އަމިއްލަ ބިން ދޫކޮށްފައި އެއްވެސް ތަނަކަށް ނުދާނެ ކަމަށް ޣައްޒާގެ ރައްޔިތުން ބުނެފިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ކެބިނެޓުން އިއްޔެ ވަނީ ޣައްޒާ އެއްކޮށް ހިފަން ނިންމާ އެކަމަށް ތައްޔާރުވާން ފަށާފައިވާކަން އިއުލާނު ކޮށްފައެވެ.
ޔަހޫދީންގެ ނުބައިކަމުން މިހާރުވެސް ޣައްޒާގެ އެތައް ރައްޔިތުންނެއްވަނީ ހާލުގައިޖެހި ޝަހީދުވެގެން ވެސް ގޮސްފައެވެ. ނަމަވެސް ޔަހޫދީން ދަނީ އެމީހުންގެ ނުބައިކަމާއި ލާއިންސާނީ އަމަލުތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ.
”ﷲ ގަންދީ ބުނަން، އަހަރުމެންނަށް މިހާރުވެސް 100 އަށްވުރެ ގިނަ ފަހަރު މަރާ ކުރިމަތިލާން ޖެހިއްޖެ. އެކަމަކު އަހަރުމެން މަރުވަންޏާ މަރުވާނީވެސް މިތަނުގައި، އަހަރުމެންގެ އަމިއްލަ ބިމުގައި“ އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އާއިލާއާއެކު އަމިއްލަ ގެދޮރުން ނިކުމެ އެތައް ފަހަރަކު ހިޖުރަ ކުރަން ޖެހުނު އަހްމަދު ހިރްޒް އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
އިޒްރޭލުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ވަނީ އެމީހުންގެ ހަމަލާތަކުގެ އިތުރުން، ބަނޑުހައި ހޫނުކަމާވެސް ކުރިމަތިލާން ޖެހިފައެވެ. ޣައްޒާގެ ކުޑަކުދިން ރޮމުން ނިދަނީ ނިދަން ބޭނުންވެގެނެއް ނޫނެވެ. ބަނޑުހައި ހޫނުކަމުގެ ސަބަބުން އެކަން ތަހައްމަލު ނުކުރެވިގެންނެވެ.
އިޒްރޭލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާ އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކުގެ ސާމާނު އެތެރެކުރުން ހުއްޓުވާފައެވެ. ފުޅިއަށް ކާބޯތަކެތި އަޅާފައި ބައެއް ފަރާތްތަކުން ކާބޯތަކެތި ފޮނުވާކަން ޔަހޫދީންގެ ސަމާލުކަމަށް އައުމާއެކު، އެމީހުން ވަނީ ކަނޑަށް ނުކުމެ އެތަކެތި ނަގައި، އެ އެތިކޮޅުވެސް ހާލުގައި ޖެހިފައިތިބި ފަލަސްތީނުގެ ރައްޔިތުންނަށް ލިބުން ހުއްޓުވާފައެވެ. ޣައްޒާގެ ހޮސްޕިޓަލުތަކުގައި ޒަހަމްވެގެން ނުވަތަ ބަނޑުހައި ހޫނުކަމުގެ ސަބަބުން ސިއްހީ ހާލުދެރަވެގެން އަންނަ ފަރާތްތަށް ދުވަހުން ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް އެ ހޮސްޕިޓަލުތަކުން ލޭ ހުސްވެއްޖެއެވެ. ލޭ ހަދިޔާ ކުރެވޭނެ މީހުންވެސް މަދުވެއްޖެއެވެ.
ނަސްލެއް ނައްތާލުމަށް ޔަހޫދީން ފަށާފައިމިވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން އިޒްރޭލުގެ ނުބައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަނީ ހުއްޓުމެއްނެތި ސާބިތު ކޮށްދެމުންނެވެ.




