ޣައްޒާއަށް ހަމަލާދޭން ބޭނުންކުރެވޭނެ އަސްކަރީ އާލާތްތައް އިޒްރޭލަށް ވިއްކުމާއި އެކްސްޕޯޓު ކުރުން ހުއްޓާލާނެ ކަމަށް ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް އިއުލާނު ކުރައްވައިފިއެވެ.
ޖަރުމަނުން މިފަދައިން ނިންމުމާ ގުޅިގެން އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، މިއީ ހަމާސް ޖަމާއަތަށް ދިން އިނާމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ޖަރުމަނުން މިފަދައިން ނިންމާފައިވަނީ ޣައްޒާ ސިޓީ އިޒްރޭލުގެ އަސްކަރިއްޔާގެ ދަށަށް ގެންދަން ނިންމުމާ ގުޅިގެންނެވެ. ނަމަވެސް ޖަރުމަނަކީ މީގެކުރިން އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކޮށް އެ ޔަހޫދީން ދިފާއުކުރުމުގައި އެންމެ ބޮޑަށް އޮތް އެއް ޤައުމުކަން ވެސް ފާހަގަ ކުރެވެއެވެ.
ޗާންސެލަރު މާޒް ވަނީ ޣައްޒާގެ ރައްޔިތުންގެ ހާލާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެގޮތުން ޗާންސެލަރު މާޒް ވިދާޅުވީ ޣައްޒާ ހިފަން އުޅެނީ ހަމާސްގެ ހަތިޔާރު ބެހެއްޓުން މަޖުބޫރުކޮށް އެ ޖަމާއަތް ނައްތާލައި ރަހީނުން މިނިވަންކުރަން ކަމަށް ބުނާއިރު މި މަގްސަދުތައް ހާސިލްވާނެ ކަމާ މެދު މިހާރު ކުރިއަށްވުރެ ވެސް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ.



