ޔަހޫދީ އިޒްރޭލުގެ އުފެއްދުންތައް ބޯއިކޮޓް ކުރުމުގެ މަސައްކަތްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއީ އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށާއި ޔަހޫދީންގެ އުފެއްދުންތައް ވެސް ހުއްޓާލުމަށް ގޮވާލައި އަޑުއުފުލަމުންދާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ”ޔޫތު ފޮ ޔުނިޓީ“ އިން ކުރިއަށްގެންދާ ހަރަކާތެކެވެ.
އެގޮތުން އެ ޖަމިއްޔާއިން މާލޭގެ އިތުރުން މި ހަރަކާތް މިހާރު ރަށްތަށުގައި ވެސް ފަށާފައިވާކަން މި މަހުގެ 6 ވަނަ ދުވަހު ވަނީ އިއުލާނު ކޮށްފައެވެ.
އެގޮތުން އިއްޔެ އެ ޖަމިއްޔާއިން ވަނީ ހދ. ނޮޅިވަރަމްގައި މި ހަރަކާތް ކުރިއަށް ގެންގޮސް، އެ ރަށުގެ ބައެއް ފާރުތަކުގައި އިޒްރޭލުގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް ގޮވާލާފައެވެ.
އެ ފާރުތަކުގައި ތަތްކޮށްފައިވާ ޕޯސްޓަރުތަކުން ފެންނަނީ އިޒްރޭލުގެ އުފެއްދުމެއް ކަމަށްވާ ކޮކާކޯލާގެ ލޯގޯ ”ޖެނޮސައިޑް“ އަށް ބަދަލު ކޮށްފައެވެ. އަދި ކުޑަކުއްޖަކު ރޯން އިން މަންޒަރެއްވެސް އެ ޕޯސްޓަރުން ފެނެއެވެ.
ޔޫތު ފޮ ޔުނިޓީން މި ހަރަކާތުގައި ބޭނުންކޮށްފައިވަނީ ”އުންމަތް ވިތު ފަލަސްތީނު“ މި ހޭޝްޓެގެވެ.



