ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން މިއަދު ހެނދުނު ކަރަންޓު ކެނޑުމަަށްފަހު، މުޅި ހުޅުމާލެއަށް އެއްކޮށް މިހާރު ކަރަންޓު ދީފިއެވެ.
ސްޓެލްކޯ އިން މިއަދު ކުރިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށާއި އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ހުޅުމާލޭ ފޭސް 1 އަށް މީގެ އިރުކޮޅެއް ކުރިން ވަނީ ކަރަންޓު ދީފައެވެ.
ސްޓެލްކޯ އިން ދާދި ދެންމައަކު ބުނީ، މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާއިރު، ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެއަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މަޢާފަށް އެދިފައެވެ.



