ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދު، ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއަސް ބިރުން އެ ހުވާ ނުކުރާ ކަމަށް ހައިކޯޓުގައި ބުނެފިއެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ސާޖިދު ދިރިއުޅޭ ގެ އާއި ސައިކަލު ފާސްކުރީ މިދިޔަ މަހުގައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރިނަމަވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ތަންތަން ބެލިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯ ސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 191.92 ގްރާމްގެ ތަކެތި ފެނިފައިވެއެވެ. ނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިނަދޫ ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ސާޖިދުގެ މައްޗަށް ޖިނާއީ ތުހުމަތެއް ނެތް ކަމަށް ބަލައި ބަންދުން ދޫކޮށްލިޔަސް އީ-ސިނގިރޭޓަކީ ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް ކަމަށާއި އެ ގެންގުޅޭ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭ ކަމަށް ދައުލަތުން ބުރާސްފަތި ދުވަހު ހައި ކޯޓުގައި ބުންޏެވެ. އަދި ގާނޫނުގައި މަނާ ކަމެއް ކުރުމުގެ ތުހުމަތު ކުރެވެނީ ހުވާކޮށްގެން ހުރި ފުލުހަކަށް ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.
އެ ތުހުމަތުގެ ރައްދުގައި ސާޖިދުގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ މިދިޔަ މެއި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފުލުުހުންގެ ހިދުމަތުގައި ހުއްޓަސް ދައުލަތުން ބުނާގޮތުން ސާޖިދު ހުވާކޮށްފައިނުވާ ކަމަށެވެ.
މީގެއިތުރުން ސާޖިދަކީ ޕޮލިސް ޔުނީފޯމް އަޅާ މީހެއް ނޫން ކަމަށާއި ހުވާކުރަން އޮތަސް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.
ދިފާއީ ވަކީލުގެ ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ސާޖިދަކީ ގާނޫނުގައި ބުނާ ސްޕެޝަލް ކޮންސްޓަބްލަރީގެ ހުވާކޮށްފައިވާ މީހެއް ކަމަށެވެ. އަދި ހުވާގެ އިގުރާރުގައި ސާޖިދު ސޮއިކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ސާޖިދު ފުލުހުންގެ ހުވާ ނުކުރާ ކަމަށް ބުނުމުން ފަނޑިޔާރު ދީބާނާޒް ފަހުމީ ސުވާލުކުރެއްވުމުން ދިފާއީ ވަކީލު ވިދާޅުވީ ދައުލަތުން އެ ބުނާ ހުވައެއް ނޭނގޭ ކަމަށާއި އެއީ ”އެ ހުވައެއް ކޮށްފައި ނެތީމާ“ ކަމަށެވެ.
ކޮންސްޓަބްލަރީގެ ހުވާކޮށްފައިވޭތޯ ސުވާލުކުރުމުން ސާޖިދު ބުނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ކަމުގައިވިޔަސް ހުވާ ނުކުރާ ކަމަށެވެ.
”އަޅުގަނޑު ރަސްމިއްޔާތަށް ގޮސްފައި ވެސް ކުޑަކޮށް ބިރުގަތީ ﷲ ގަންދީކުރަންޖެހޭ ހުވައެއް ވީމަ، އޭގައި އަންނަ ކަންތައްތަކަށް ވިސްނާލީމަ“ ސާޖިދު ބުނެފައިވެއެވެ.



