މ. މުލީގައި ކަންޒުކަހަނބު ފެންގަނޑު ސަރަހައްދުގައި ނޭޗަރ ޕާކެއް ތަރައްގީ ކުރަން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މުލީ ކައުންސިލުން ބުނީ މި ނޭޗަރ ޕާކް ތަރައްޤީކުރަން ޖެހެނީ އެ ކައުންސިލުން ދޭ މައުލޫމާތާ ކުރެހުމާއި އެއްގޮތަށް ކަމަށެވެ. ނޭޗަރ ޕާކް ތަރައްޤީކުރުމަށް އެ ފެންގަނޑު އިތުރު ކޮނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޕާކު ތަރައްޤީ ކުރުމަށް ވޯކްވޭއެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ.
މުލީ ކައުންސިލުން ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
އެގޮތުން އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު ކައުންސިލަށް ހުށަހެޅުމަށް މުލީ ކައުންސިލުން ވަނީ އެދިފައެވެ.



