ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރާ ގުޅިގެން ތަހުގީގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިއިސީ) އިން ގަބޫލު ކުރާތީ، ފުލުހުންގެ މައްޗަށް ދައުވާކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއެކު މަޝްވަރާ ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ކަންކަން އެންއައިސީ އިން ބަލައި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާ ކުރުމާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް ވެސް ވިދާޅުވިއެވެ.
”މިއީ މައްސަލައިގެ ބާވަތަށް ބަލާއިރު ވަރަށް ސީރިއަސް މައްސަލައެއް. އެހެންވީމާ (ފުލުހުންގެ މައްޗަށް) ދައުވާ ކުރުމާ މެދު އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ވިސްނާނަން“ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެންއައިސީ އިން ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ ގޮތަކަށް އަމަލު ކުރުމާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ވެސް ހިމެނެއެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން އޭނާގެ ކަރުގެ ކަނާތާއި ވައަތް ފަރާތަށް ތޫނު އެއްޗެކުން ލިބިފައި ހުރި އަނިޔާގެ ގިނަ ޒަހަމްތަކެއް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރުގެ ކަނާތްފަރާތުގައި ފުން ދެ ޒަހަމެއް އަދި ވައަތް ފަރާތުގައި ފުން ތިން ޒަހަމެއް ހުރި ކަމަށާއި ކަރުގެ މެދާއި ހިސާބުގައި ތިލަކޮށް ހުރި އެއް ޒަހަމް ހުރި ކަމަށް ވެސް ސާމިހު ވިދާޅުވިއެވެ.



