ދިވެހި އުމްރާވެރިން ގޮވައިން މިއަދު ސައުދީ އަރަބިއްޔާއިން އެނބުރި އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓަކަށް މައްސަލައެއް ދިމާވެ، އަދިވެސް އަނބުރާ ރާއްޖެ އަންނަން ފުރޭގޮތް ނުވެއެވެ.
މޯލްޑިވިއަންގެ ފްލައިޓަކުން މިއަދު އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ބަޔަކަށެވެ.
އެނގިފައިވާ ގޮތުގައި ބޯޓަށް މައްސަލައެއް ދިމާވެ ފުރޭގޮތް ނުވީ އެއަށް މީހުންވެސް އެރިފަހުންނެވެ.
މިކަމާ ބެހޭގޮތުން މޯލްޑިވިއަން އިން ބުނެފައިވަނީ ސައުދީ އަރަބިއާއިން އަންނަން އޮތް އެމީހުންގެ ފްލައިޓަކަށް މައްސަލައެއް ދިމާވެ، ޑިލޭ ވެފައިވާ ކަމަށެވެ. ނަމަވެސް ދިމާވެފައިވަނީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ.
މޯލްޑިވިއަން އިން ބުނެފައިވަނީ، އެކަން ހިނގި ގޮތް ބެލުމަށްފަހު އެ އެއާލައިނުން ބަޔާނެއް ނެރޭނެ ކަމަށެވެ.
ބައެއް މީހުން ބުނިގޮތުގައި ފްލައިޓުގައި މީހުން ނުފުރި ތިބޭތާ މިހާރު ދެ ގަޑިއިރަށް ވުރެ ގިނައިރު ވެއްޖެއެވެ. އެހެންކަމުން ގިނަ ބަޔަކު މިހާރު ޝަކުވާ ކުރަމުން އަންނަ ކަމަށް ވެސް އެމީހުން ބުންޏެވެ.




