ދިވެހި އުމްރާވެރިން ގޮވައިން މިއަދު ސައުދީ އަރަބިއްޔާއިން އެނބުރި އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، އުމްރާވެރިންނަށް މިހާރު ފުރޭގޮތް ވެއްޖެއެވެ.
މޯލްޑިވިއަންގެ ފްލައިޓަކުން މިއަދު އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ފުރި ބަޔަކަށެވެ.
އެނގިފައިވާ ގޮތުގައި ބޯޓަށް މައްސަލައެއް ދިމާވެ ފުރޭގޮތް ނުވީ އެއަށް މީހުންވެސް އެރިފަހުންނެވެ.
މިކަމާ ބެހޭގޮތުން މޯލްޑިވިއަން ކުރިން ބުނެފައިވަނީ ސައުދީ އަރަބިއާއިން އަންނަން އޮތް އެމީހުންގެ ފްލައިޓަކަށް މައްސަލައެއް ދިމާވެ، ޑިލޭ ވެފައިވާ ކަމަށެވެ. ނަމަވެސް ދިމާވެފައިވަނީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު މިރޭ ވިދާޅުވީ، އެތަނުގެ އުމްރާވެރިން ގޮވައިގެން ފްލައިޓް ފުރުމަށް ހަމަޖެހިފައި އޮތީ، މިއަދު ހަވީރު ސައުދީ ގަޑިން 3:45 (ރާއްޖޭ ގަޑިން 5:45)ގައި ކަމަށެވެ.
ނަމަވެސް ބޯޓަށް ދިމާވި މައްސަލައަކާ ގުޅިގެން ފުރޭގޮތް ނުވުމަށްފަހު، އެ މައްސަލަ ހައްލުވީ ސައުދީ ގަޑިން 6:30 (ރާއްޖޭ ގަޑިން 8:30)ގައި ކަމަށް ވެސް ޝަކީލު ވިދާޅުވިއެވެ.
ޝަކީލު ވިދާޅުވި ގޮތުގައި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅެވެ.



